އެޗްޑީސީ އިން އެ ކުންފުނީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު (ސީޑީއޯ) އަބްދުﷲ ފާއިދު އަދި ޗީފް ބިޒްނަސް އޮފިސަރު (ސީބީއޯ) އަދި މީޑިއާ ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޔާމީން މަޤާމުން ވަކިކޮށްފިއެވެ.
މި ދެބޭފުޅުން ވަކިކޮށްފައިވަނީ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާއި ގުޅޭ ގޮތުން ހިންގަމުންދާ ޖިނާއީ ތަޙުޤީޤާ ގުޅިގެންނެވެ. ނަމަވެސް، އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ ވަކި ތުހުމަތުތަކެއް އެޗްޑީސީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފާއިދާއި ޔާމީން ސަސްޕެންޑްކުރެވުނީ ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމާއި ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ މައްސަލަތައް ބަލަން ފެށުމާއި ގުޅިގެންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 15 މުވައްޒަފަކު މަޤާމުން ވަކިކުރެވުނު ނަމަވެސް، ފަހުން އެ އެންމެންގެ ވަޒީފާ އަލުން އިޔާދަކުރެވުނެވެ. އެހެންނަމަވެސް، މައްސަލަތައް ބަލައި ނިމެންދެން އެ މުވައްޒަފުން ތިބީ ސަސްޕެންޑްކޮށްފައެވެ.
ބިންވެރިޔާ ސްކީމްގެ ޝަރުތު ހަމަނުވަނީސް އެޗްޑީސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދަށް ގޯއްޗެއް ދިން މައްސަލަ ފަޅާއެރުމާއި ގުޅިގެން، އޭސީސީ އާއި ފުލުހުން ވަނީ ބޮޑު ތަޙުޤީޤެއް ފަށާފައެވެ. މި މައްސަލައާއި ގުޅިގެން ފަޒުލް ސަސްޕެންޑްކުރެވުމާ އެކު، އޭނާ މަޤާމުން އިސްތިއުފާ ދެއްވިއެވެ.









