ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުން މާލޭގެ ބައެއް މިސްކިތްތަކުގެ ބޭރު ފާރުގައި ކުލަ ލައިދީ، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތައް ޒީނަތްތެރިކޮށްދީފިއެވެ.
މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި ޚާއްޞަ ހަރަކާތުގައި ބޭންކުގެ 100 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެ، މާލޭގެ ހަތަރު މިސްކިތެއްގެ ވަށާފާރުގައި ކުލަ ލައިދީފައި ވެއެވެ. މި މަސައްކަތް ކުރެވުނު މިސްކިތްތަކުގެ ތެރޭގައި ހުކުރު މިސްކިތް، ދަރުމަވަންތަ މިސްކިތް، ބަންޑާރަ މިސްކިތް އަދި މަސްޖިދުލް ސުލްތާނުލް އާދިލް ހިމެނެއެވެ.
ބީއެމްއެލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަސައްކަތަކީ ރޯދަ މަހަށް ތައްޔާރުވުމަށް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމަށް އެ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރި ކަމެކެވެ.
ބީއެމްއެލުން އަންނަނީ މިފަދަ އިޖްތިމާޢީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ހިންގާ މިފަދަ ހަރަކާތްތަކަށް ވެސް ބޭންކުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ހަރަކާތަކީ ބީއެމްއެލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް ބޭންކުން ބުނެއެވެ.









