ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ ދެވަނަ ކާފަ ވެސް ހުޅުމާލޭ ޖަލުގައި ރޭ މަރުވެއްޖެއެވެ.
ދެ އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ މުނިކާފަ ކަނޑުހުޅުދޫ އަންނާރުމާގޭ، ހަސަން މޫސާ ދީދީ، 85 އާއި ކާފަ އެ ރަށު ރިހިވެލި، އިބްރާހިމް ދީދީ، 67 ޖިންސީ ގޯނާކުރި މައްސަލާގައި އެ ދެމީހުން އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ވަނަ އަހަރުއެވެ.
އޭގެ ތެރެއިން އެ ކުއްޖާގެ މުނިކާފަ ހަސަން ދީދީ ވަނީ ސެޕްޓެމްބަރު 2023 ގައި ޖަލުގައި މަރުވެފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖިންސީ ގޯނާ ލިބުނު ކުއްޖާގެ ކާފަ އިބްރާހިމް ދީދީ މަރުވީ ރޭ ދަންވަރު ކަމަށެވެ.
އޭނާ ހޭލާ އުޅެނިކޮށް ވެއްޓުމާ އެކު، ކަރެކްޝަންސްގެ މެޑިކަލް ޓީމުން ގޮސް އަވަސް ފަރުވާ ދިން ނަމަވެސް ހަރަކާތެއް ނެތުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އެކަމަކު، ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތުމުން އޭނާ މަރުވެފައިވާ ކަން ހުޅުމާލެ ހޮސްޕިޓަލުން ރޭ ދަންވަރު 2:40 ހާއިރު ނިންމި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް އިން ބުނި ގޮތުގައި، އޭނާ އަކީ ހައި ބްލަޑް ޕްރެޝަރު، ކޮލެސްޓްރޯލް އަދި ޓްރެމާސް ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ.
އިބްރާހިމް ދީދީ މަރުވިކަން އޭނާގެ އާއިލާ އަަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި އެޗްއާރުސީއެމާއި އެންއައިސީ އަށް އަންގާފައިވާ ކަަމަށް ކަރެކްޝަންސް އިން ބުންޏެވެ.