ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަނަކަށް، އެ ކޮމިޓީގެ މެންބަރު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު، ފީފާއިން މިއަދު އައްޔަންކޮށްފިއެވެ.
މި މަޤާމަށް މުއިއްޒު އައްޔަންކުރެވުނީ މީގެ ކުރިން ފަސް މެންބަރުން ތިއްބެވި ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ ތިނަކަށް މަދުކޮށް، ކުރީގެ ޗެއާޕާސަން އަހްމަދު ޒުހޫރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.
މިގޮތުން މިހާރު ކޮމިޓީގައި ތިއްބެވީ އަހްމަދު މުއިއްޒުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފާއި ޤާނޫނީ ވަކީލު އިސްމާއީލް ސިމާނެވެ.
މި ބަދަލުތަކުގެ ކުރިން، ކޮމިޓީގެ މެންބަރު އަހްމަދު އަލީ ވަނީ އަމިއްލަ ސަބަބުތަކާއި ހުރެ އިސްތިއުފާ ދެއްވާފައެވެ.
އެފްއޭއެމްގައި މި މަހުގެ ތެރޭގައި އިތުރު ބަދަލުތަކެއް ވެސް އައިސްފައިވެއެވެ. މިގޮތުން ޖެނެރަލް ސެކްރެޓަރީ ނާހިލް ސިއްދީޤު ވަނީ އިސްތިއުފާ ދެއްވާފައެވެ. މިހާރު އެކްޓިންގ ޖެނެރަލް ސެކްރެޓަރީގެ މަޤާމު ފުރުއްވަމުން ގެންދަވަނީ އެފްއޭއެމްގެ ސީނިއަރ އޮފިޝަލް އަދި އައްޑޫ ސިޓީ ކައުންސިލުގެ ކުރީގެ އެސްޖީ މުޙައްމަދު ޝުޖާއުއެވެ.









