ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފޮނުވި ފައިސާތައް ލޯންޑާކުރަން އެހީތެރިވުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ މުހައްމަދު އަގީލް، ތައިލެންޑްގައި ހުއްޓާ ހައްޔަރުކޮށް ރާއްޖެ ގެނައުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ގއ. ގެމަނަފުށިީ ފެހިކުރި، އަގީލް މިދިޔަ މަހުގެ 21 ގައި ރާއްޖެ ގެނައުމަށްފަހު އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު ތަންފީޒުކޮށްފައިވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިފައިވާ ގޮތަށް، މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެފްއޭއެމްގެ ފައިނޭންޝަލް ޑިޕާޓްމަންޓްގެ ހެޑަކަށް ކުރިން އުޅުނު އަގީލް ފިލައިގެން އުޅެނިކޮށް ބަންކޮކުން ހައްޔަރުކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރަނީ މަނީލޯންޑްރިންއަށް އެހީތެރިވުމުގެ ދައުވާއެވެ. އެއީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަމިން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާކުރުމަށް އެހީތެރިވެދީފައިވާ ކަމަށް ބުނެއެވެ.
މި މައްސަލާގައި ބައްސާމްގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ. ނަމަވެސް އަގީލް ޝަރީއަތަށް ހާޒިރު ނުވާތީ އޭނާގެ ބައި މިހާތަނަށް އޮތީ މަޑުޖެހިފައެވެ. ފީފާއިން ދިން ފައިސާއަށް ހިޔާނަތްތެރިވުމާއި މަނީލޯންޑާ ކުރުމުގެ ދައުވާތައް ސާބިތުވެ، ބައްސާމް މިހާރު ގެންދަނީ 23 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.









