ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމިޓީގެ މެމްބަރު، އަހުމަދު އަލީ އިސްތިއުފާ ދެއްވައިފިއެވެ.
އަހުމަދު އަލީ އަކީ ގާނޫނީ ދާއިރާއަށް ފަރިތަ، ފައިނޭންޝިއަލް ކްރައިމްސްއާއި ގުޅޭ ކަންކަން ހޯދުމުގެ ގާބިލުކަން ހުރި ބޭފުޅެކެވެ. އޭނާ ކުރިން ވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އެސިސްޓެންޓް ކޮމިޝަނާ ޖެނަރަލްގެ މަގާމު އަދާކުރައްވާފައެވެ.

ފީފާ އިން އައްޔަނުކުރި އެފްއޭއެމް ނޯމަަލައިޒިން ކޮމިޓީގެ މެމްބަރުން.
އަހުމަދު އަލީ އިސްތިއުފާ ދެއްވި ސަބަބުގެ ގޮތުގައި ހާމަކުރައްވާފައިވަނީ، އަމިއްލަ ކަންތައްތައް މި ވަގުތު ހުރި ގޮތުން، އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގައި ކުރަން ހުރި މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ދެވެން ނެތުމެވެ.
ފީފާއިން މިދިޔަ ޖުލައި މަހު ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ހިންގުން ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ނިންމައި، އޭގެ އެއް މަސް ފަހުން، ފަސް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައި، މަގާމުގެ ޒިންމާތައް ހަވާލުކުރިއެވެ. މި ކޮމިޓީގައި މިހާރު ތިއްބެވީ، ޗެއާމަން އަހުމަދު ޒުހޫރުގެ އިތުރުން، ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު އަދި އިސްމާއިލް ސިމާނެވެ.
ނޯމަލައިޒިން ކޮމިޓީއަށް ފީފާއިން ދީފައިވާ މެންޑޭޓް އަންނަ ޖުލައި މަހުގެ ނިޔަލަށް ދެމިގެންދާނެއެވެ. މި މުއްދަތުގައި ކޮމިޓީން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.









