ސިޔާސީ ޕާޓީތަކަށް ހަމައެކަނި އީ-ފާސް މެދުވެރިކޮށް މީހުން ވެއްދޭ ގޮތަށް މިއަދު ބަދަލުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކުރި ސިޔާސީ ޕާޓީގެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން މިއަދުން ފެށިގެން ޕާޓީތަކަށް މީހުން ވެއްދޭނީ އީ-ފާސް އިން އިލެކްޝަންސް ކޮމިޝަންގެ "މައި ޕޯޓަލް" އަށް ވަދެ ފޯމު ފުރައިގެންނެވެ.
އެ ގަވާއިދުގައިވާ ގޮތުން ބޭނުންވާ ޕާޓީއެއްގެ ފޯމު ބަލައިގަތުމުން އެކަން އެ ޕާޓީއަކަށް އަންގާނެ އެވެ.
މި ބަދަލާ އެކު، މީހާ ޕާޓީގެ ދަފުތަރުގައި ހިމެނުމުގެ ކުރިން ޝަކުވާއެއް އޮތްތޯ ބެލުމަށް އީސީން އެކަން އާންމުކުރަން ވެސް ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
މި އިސްލާހުގެ ދަށުން އޮންލައިންކޮށް ހުށަހަޅާ ފޯމުތައް 10 އަހަރުގެ މުއްދަތަށް ޕާޓީން ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އީސީން މި ބަދަލު ގެނެސްފައި ވަނީ އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ.









