ޔޫކްރެއިންގެ ހަނގުރާމައަށް ހައްލެއް ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިންއާއެކު މަޝްވަރާކޮށް އަދި އިތުރު މަޝްވަރާއެއް ސައޫދީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މަޝްވަރާ ތަކުގައި ޔޫރަޕުގެ ގައުމުތައް ބައިވެރި ނުކުރާތީ ބައެއް ޔޫރަޕްގެ ޤައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ މި މަޝްވަރާތަކާއި މެދު ހިތްހަމަޖެހޭ ކަމަށް ވިދާޅުވި ނަމަވެސް، ޔޫރަޕުގެ ގިނަ ލީޑަރުން ވަނީ މި މަޝްވަރާތަކުގައި ޔޫރަޕް ބައިވެރިނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖަރުމަނުވިލާތުގެ ފޮރިން މިނިސްޓަރ އަނަލެނާ ބެއަރބޮކް ވިދާޅުވީ ޔޫކްރެއިން ނުހިމަނައި ޔޫކްރެއިނާ ބެހޭ އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށެވެ. އަދި ސުލްހަ ހޯދޭނީ ޔޫކްރެއިނާއި ޔޫރަޕާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޕޮލެންޑާއި ފުރާންސް ވެސް ކަންބޮޑުވުން ފާލުކުރައިރު ލަޓްވިއާގެ ފޮރިން މިނިސްޓަރ ބައިބާ ބްރާޒޭ ވެސް ވިދާޅުވީ ސުލްހައިގެ މަޝްވަރާތަކުގައި ޔޫކްރެއިންގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ވެރިޔާ ކަޖާ ކަލާސް ވިދާޅުވެފައިވަނީ ޔޫކްރެއިންގެ މިނިވަންކަމާއި ސަރަހައްދީ ސަލާމަތަކީ ޝަރުތެއް ނެތި ކަށަވަރުކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މިހާރު އެންމެ އިސްކަމެއް ދޭންވީ ޔޫކްރެއިން ވަރުގަދަކޮށް، ސަލާމަތީ ގެރެންޓީތައް ދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫރަޕުގެ ބައެއް ޑިޕްލޮމެޓުން ބުނާ ގޮތުގައި ޓްރަމްޕްގެ ވެރިކަމުގައި ޔޫރަޕާއި ވައިޓް ހައުސްއާއި ދެމެދު ގުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
ޒެލެންސްކީ ވިދާޅުވީ، އޭނާއަށް ވުރެ ބޮޑަށް ޞުލްޙަ ބޭނުންވާ މީހަކު ނެތްކަމަށެވެ. ސައޫދީގައި ރައީސް ޕުޓިން އާއި ޓްރަމްޕާއެކު އޮންނަ ޔުކްރޭނުގެ ޞުލްޙައިގެ ބައްދަލުވުމަށް ޒެލެންސްކީ ތާއީދު ކުރެއެވެ.
ފެންނަ ފެނުމުގައި ޒެލެންސްކީ އާއި ވެސް އަދި ޔޫރަޕާއި ވެސް ވާހަކަ ދައްކާކަށް ޕޫޓިން ބޭނުންފުޅެއް ނުވެއެވެ.
ފާހަގަކޮށްލެވޭ މުހިންމު އަނެއް ކަމަކީ ޓްރަމްޕް ވިދާޅުވަނީ ޔުކްރޭނު މައްސަލައިގައި ބައިޑަން ސަރުކާރުން ކަންތައްތައް ކުރިގޮތަށް ފައިސާއާއި ހަތިޔާރެއް އޭނާގެ ސަރުކާރަކުން ޔުކްރޭނަށް ނުފޮނުވާނެ ކަމަށެވެ. ޔޫރަޕްގެ މައްސަލަތައް ހައްލު ކުރަން ވާނީ ޔޫރަޕުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.









