މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު ނިޔާވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މިއަދު ނިޔާވެފައިވަނީ ނައިޖީރިއާގެ ރައްޔިތެއްކަމުގައިވާ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ (35 އަހަރު) ކަމަށެވެ.
މިއަދު ހަވީރު އިމޭނުއަލް ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން، ވަގުތުން އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު، 4 މިނެޓްތެރޭ މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އަދި އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައި ވަނީ 17:20 ހާއިރު ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
އޭނާއަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އަދި އެއީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާހޯދަމުން އައި ފަރާތެއް ނޫން ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.
އިމޭނުއަލް ނިޔާވުމާ ގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.