ދިވެހި ސަރުކާރުން އައު އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު އައްޔަނުކުރައްވައިފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯނަކީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، އުފެއްދުންތެރިކަން އިތުރުކުރުމާއި، އަދި ޓްރާންޝިޕްމަންޓް އަދި ރީއެކްސްޕޯޓް ވިޔަފާރި ކުރިއެރުވުމަށް އަމާޒުކޮށްގެން އުފައްދާފައިވާ 100 ޕަސެންޓު ދިވެހި ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ ސަރުކާރު ހިއްސާވާ ފަސް ކުންފުންޏެއްގެ ހިއްސާ އެކުލެވޭ ގޮތަށެވެ. އެއީ އެސްޓީއޯ، އެޗްޑީސީ، އެމްޕީއެލް، އެމްޓީސީސީ އަދި އެމްއޭސީއެލް އެވެ.

މީގެއިތުރުން، ޑރ. ޝަފީގު ވަނީ ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޯޑު ޑިރެކްޓަރެއްގެ މަޤާމަށްވެސް އައްޔަނުކުރެވިފައެވެ. އެޗްޑީއެފްސީ އިން ބަލަހައްޓަނީ ސަރުކާރުގެ "ހިޔާވެހި ފައިނޭންސް ސްކީމް" ގެ މަސައްކަތްތަކެވެ.