ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ދަށްވަމުންދާތީ، ވިލާ އެއާ އަދި ސިވިލް އޭވިއޭޝަން މަޖިލީހަށް ހާޒިރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގެ މެންބަރުން ގޮވާލައިފިއެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި މައްސަލައާ މެދު މަޝްވަރާކުރައްވާފައި ވާއިރު، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ކާޑެއްދޫ އެއާޕޯޓުގެ އެސެސްމެންޓެއް ހަދާފައިނުވާތީ އެތަނުގެ ޙާލަތު އޮތްގޮތް ސިވިލް އޭވިއޭޝަނަށް ނޭނގޭ ކަމަށެވެ. އަދި އެސެސްމެންޓެއް ހަދައިފިނަމަ ފްލައިޓު ޖައްސަން ހުއްދަވެސް ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަޤީގަތަކީ އެސެސްމެންޓެއް ހަދައިފިއްޔާމުން މިހާރު ފްލައިޓު ޖައްސަން ހުއްދަ ނުދޭ ހިސާބުގައި އެތާނގެ ފެންވަރު އޮތީ." ސައުދުﷲ ވިދާޅުވިއެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ސިވިލް އޭވިއޭޝަނުން ފޮނުއްވި ސިޓީގައި ކާޑެއްދޫ އެއާޕޯޓާއި ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް މައްސަލައެއް އެ އޮތޯރިޓީއަށް ހުށަހަޅާފައި ނުވާކަމަށް ވިދާޅުުވެފައިވާތީ އެކަމާ ސުވާލު އުފައްދަވާފައެވެ. އައްބާސް ވަނީ ކާޑެއްދޫ އެއާޕޯޓުގެ ޙާލަތު އެހާ ދަށްވެގެންދިޔައިރު މިހާތަނަށް ފިޔަވަޅެއް ނާޅާ އޮތީ ކީއްވެގެންތޯ ސުވާލު އުފައްދަވާ، އެކަމާއި ގުޅުން ހުރި މައުލޫމާތު ހޯދުމަށް ސިވިލް އޭވިއޭޝަން ހާޒިރުކުރަން ފެންނަ ކަމަށް ވިދާޅުވެފައެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ވިލާ އެއާއާއެކު ހެދިފައިވާ އެއްބަސްވުން ބަލައި ދިރާސާކުރަންޖެހޭ ކަމަށާއި ވިލާ އެއާ މަޖިލީހަށް ހާޒިރުކޮށްގެން މިކަން ބަލަން ޖެހޭ ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ޝަރުތުކޮށްފައި ނުވަތަ ހިންގުމުގެ ޒިންމާތައް ވިލާ އެއާއާ ހަވާލުކޮށްފައިވަނީ ކޮން ލެވެލްއެއްގައި ކޮން ފެންވަރެއްގައި ހިންގުމަށްތޯ ބަލައި ދިރާސާކުރަންޖެހޭ ކަމަށާއި ވިލާ އެއާ މަޖިލީހަށް ހާޒިރުކޮށްގެން އެކަން ބަލަން ޖެހޭ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ކާޑެއްދޫ އެއާޕޯޓު ހިންގަމުން އަންނަނީ ވިލާ އެއާއިންނެވެ. އެއާޕޯޓުގެ ފެންވަރު ދަށްވަމުންދާތީ، މި މައްސަލަ ބެލުމަށް ކަމާބެހޭ ފަރާތްތައް މަޖިލީހަށް ހާޒިރުކުރުމަށް ކޮމިޓީގެ މެންބަރުން ވަނީ އެއްބަސްވެފައެވެ.








