ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ގައިސްއަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އިންޒާރުދިން ކަމަށް ބުނާ މައްސަލައިގައި ޖިނާއީ މައްސަލައެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ މީސްމީޑިއާގައި ހަގީގަތާ ހިލާފު ވަހަކަތަކެއް ދައްކައި އޭނާއަށް ބިރުދައްކައި ނަފުރަތު އުފެއްދި މައްސަލައެއް މިމަހުގެ 20 ވަނަ ދުވަހު ހުޅުމާލޭ ޕޮލިސް ސްޓޭޝަންއަށް ގައިސް ވަނީ ހުށަހަޅާފަ އެވެ.
ސައުދުﷲ ވިދާޅުވީ ގޮތުގައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިއިރުވެސް، މައްސަލަ ކުރިއަށް ނުގެންދެވޭނެކަން ގައިސްއަށް އެނގޭނެކަމަށާއި، އިދިކޮޅު ފަރާތުގެ މިފަދަ އަމަލުތަކަކީ މެމްބަރު ބަދުނާމު ކުރުމުގެ ގޮތުން ހިންގަމުންދާ، ބަލައިނުގަނެވޭނެ އަމަލުތަކެއް ކަމަށް ސައުދުﷲ ވަނީ ވިދާޅުވެފަ އެވެ.
ފުލުހުން ހުލާސާ އަށް ބުނި ގޮތުގައި މިހާތަނަށް ބެލި ބެލުމުގައި މި މައްސަލާގައި ޖިނާއީ ކުށެއް ނުހިމެނެ އެވެ.
މީގެ އިތުރުން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ، އެ ސިޓީގެ ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ހިމެނޭ ގޮތަށް ފުލުހުންނާއި އެ މަސައްކަތުގައި ޝާމިލްވާ ފުލުހުންނާ ބެހޭ ގޮތުން ދޮގު ވާހަކަތައް ދައްކާ ކަމަށް ބުނާ މައްސަލަ ސައުދުﷲ ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.
ސައުދުﷲ ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި އިތުބާރާއި ޔަގީންކަން އޮންނަން ޖެހޭ މުއައްސަސާއަކާ ބެހޭ ގޮތުން އެ ފާޑަށް ވާހަކަ ދެއްކުމަކީ ނުބަލައި ދޫކޮށްލަން ޖެހޭ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެ މައްސަލަ ނުބަލައި ދޫކޮށްލައިފި ނަމަ، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް ކުރާ މަސައްކަތް ބޭކާރުވެ، ރައްޔިތުންގެ އިތުބާރު ގެއްލި އަގު ވެއްޓިގެން ހިނގައިދާނެ ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ.









