މާލޭ ސިޓީ ކައުންސިލުގެ ހުރިހާ ޚިދުމަތެއް އެއް ފުރާޅެއްގެ ދަށުން ދިނުމަށް ހަދާ އޮފީސް ޢިމާރާތުގެ ބިންގާ ރޭ އަޅައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެތަނުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ހޯދުމަށް ކުރަމުން އައި އުއްމީދަށް ނިމުމެއް ގެނައުމުގެ މަސައްކަތް ފެށިއްޖެ ކަމަށެވެ.
މި ޢިމާރާތް އަޅަނީ ނީލަން ފިހާރައާ ޖެހިގެން އޮންނަ ސިޓީ ކައުންސިލުގެ ބިމުގައެވެ.
އެކަމަށްޓަކާ އިމާރާތްކުރެވޭ ސިޓީ ކައުންސިލްގެ އާ ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މޭޔަރު އާދަމް އާޒިމް އާއި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އަދި އެހެން ކައުންސިލަރުންނެވެ.
ސިޓީ ކައުންސިލުން ބުނީ މީގެ 15 އަހަރު ކުރިން، މަޖީދީ މަގުގައި ހުރި ބިއްލޫރިޖެހިގޭގައި ހިންގަމުން އައި ސިޓީ ކައުންސިލްގެ އޮފީސް ބަދަލުކުރަންޖެހުމުން މާލޭގެ އެކި ހިސާބުތަކުގައި ހުރި ނުވަ ޢިމާރާތެއްގައ އެތަނުގެ ޚިދުމަތްތައް ދިނުމަކީ ވަރަށް ބުރަ، ގޮންޖެހުން ބޮޑު މަސައްކަތަކަށްވި ކަމަށެވެ.
"މާލެ ސިޓީ ކައުންސިލްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުވުމަކީ، މާލެ ސިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަޙައްދުތަކުގައި ދިރިއުޅޭ، ދޮޅު ލައްކައަށް ވުރެ ގިނަ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައަކާއި ހިތްހަމަ ޖެހުމަކަށް ވެގެންދާނެ." ސިޓީ ކައުންސިލުން ބުންޏެވެ.









