ދައުލަތުގެ މުވައްޒަފުންނަށް އަންނަ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދިނުމަށް ފިނޭންސް މިނިސްޓްރީން މިއަދު އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ދައުލަތުގެ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މި މަހުގެ 20 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައި ވާތީ، މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ޕަބްލިކް އެކައުންޓް ސިސްޓަމަށް އަޕްލޯޑް ކުރަން ޖެހޭނެ ކަމަށެވެ.
ސާކިއުލާގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދޭނީ އަސާސީ ވަަޒީފާ އަދާކުރާ އޮފީހުން އެކަންޏެވެ. ރޯދަމަސް ފެށޭއިރު، ޕޭ ލީވް އާއި ނޯޕޭ ލީވްގައި ތިބި މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ވަނީ އަންގާފައެވެ.
އެކަމަކު، އެ މުވައްޒަފުން ވެސް ރޯދަ މަހު ވަޒީފާ އަށް އެނބުރި އަތުވެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ވާ ޢަދަދަށް ރޯދަ އިނާޔަތް ދިނުމަށް ވަނީ އަންގާފައެވެ.
ދައުލަތުގެ މުވައްޒަފުންނާއި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުންނަށް ވެސް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަ މަސް ފެށުމުގެ ކުރިން ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ލާޒިމް ކަމެކެވެ.









