ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި ކޯރާޑިއަކުން ހަމަލާދިން މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ރުސްތަމް އިބްރާހިމް ތިން ދުވަހަށް ބަންދުކުރުމަށާއި، ސައިފުﷲ ފައިސަލް ތަޙުޤީޤު ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ޓާފްދަނޑު ކައިރީގައި މަޑުކޮށްގެން ހުރި މީހަކަށް ކޯރާޑިއަކުން ހަމަލާދިނުމުން ކަމަށެވެ.
އަނިޔާ ލިބުނު ފަރާތަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، މާރާމާރީ ހިންގި ސަރަޙައްދުން ހަމަލާ ދިނުމަށް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ހަތިޔާރުތަކެއް ފެނިފައިވެއެވެ. އޭގެ ތެރޭގައި ވަޅިއެއްވެސް ހިމެނޭކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ހާމަކުރެވޭނީ ތަޙުޤީޤު ނިމުމުންކަމަށް ފުލުހުން ބުންޏެވެ.









