ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ސްޓްރޯކެއް ޖެހި ހާލު ދެރަވި ކަމަށް ބުނާ މައްސަލަ ރިވިއުކޮށް، އެއްވެސް އިހުމާލެއް ވޭތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހުޅުމާލޭ ފިތުރޯނު މަގުގެ އަރިމައްޗަށް އަރައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ކަމަށެވެ. ފުލުހުން ބެލި ބެލުމުން އޭނާ ދުއްވި އުޅަނދު ހުޅުމާލެ ފޭސް ދޭކުން ފޭސް އެކަކަށް ދަތުރުކުރަމުން ދަނިކޮށް ބްރިޖު ޑިވައިޑާގައި ޖެހުނު ކަން ވެސް އެނގުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން މަޢުލޫމާތު ދޭގޮތުގައި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ ހެނދުނު 10:34 ގައެވެ. ކުޑަކަމުދާ ތަކެތި ޓެސްޓު ކުރުމަށް ފަހު ނެގެޓިވް ވުމުން ހަވީރު 05:28 ގައި ބަންދުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އާއިލާއިން ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ސްޓްރޯކެއް ޖެހި، އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ހާލު ގޯސްވެފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު ޢަމަލު ކޮށްފައިވާ ގޮތް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއް ހިނގާފައިވާ ނަމަ ނުވަތަ އިހުމާލެއް ވެފައިވާނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާނެ," ފުލުހުން ބުނެފައިވެއެވެ.









