ސްކޭމަރުން ފޮނުވާ ލިންކްތައް ބްލޮކްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުންގެ ފަރާތުން މިކަން ހާމަކުރީ، ފަހަކަށް އައިސް "ކިރާ ބެޓް" ގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ، މިކަމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އިތުރުވަމުން ދިޔުމާއި ގުޅިގެންނެވެ.
"މިފަދަ ސްކޭމް ލިންކްތައް ދައުރުވަމުންދާ ކަން ފާހަގަކުރެވުމާއެކު، އެފަދަ ސައިޓްތައް ބްލޮކްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ ފޮނުވިފައި," ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ސްކޭމްކުރުމުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސްކޭމް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފާހަގަކުރިއެވެ. މި ސެންޓަރު ގާއިމްކުރުމުން، ރައްޔިތުންނަށް މިފަދަ މައްސަލަތަކުގައި އަވަސް އަދި އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.
ސްކޭމް ކޯލްތަކާއި މެސެޖްތައް މެދުވެރިކޮށް ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފުލުހުން ފާހަގަކުރިއެވެ. މިފަދަ މައްސަލަތަކަށް އަދިވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ނުދަންނަ ނުވަތަ ޔަޤީންކަމެއް ނެތް އެއްވެސް ފަރާތަކުން ފޮނުވާ ލިންކްތަކަށް ނުވަތަ މެސެޖްތަކަށް އިޖާބަ ނުދިނުމަށާއި، މިފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.









