މިއަދު ހެނދުނު މ. ހައުސް ޕްލާޒާގޭގައި އަލިފާން ރޯވީ އެ ގޭގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމުގައި އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދިން މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާގެ ޚަބަރު ލިބުނީ މިއަދު ހެނދުނު 06:35 ހާއިރުއެވެ. ޚަބަރު ލިބުމާއެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ފަޔަރފައިޓަރުންގެ މަސައްކަތުން އަލިފާން މުޅިން ނިއްވާލެވުނީ 07:47 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ މ. ހައުސް ޕްލާޒާއަކީ ގިނަ ދުވަސްތަކެއް ވަންދެން ފަޅުގެއެއްގެ ގޮތުގައި ހުރި ގެއެއް ކަމަށާއި، އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުރި ކުނިތަކެއްގައި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ހާމަކޮށްފައިވެއެވެ.









