ހުޅުމާލޭގައި މީހަކަށް ކޯރާޑިއަކުން ހަމަލާދީ ޒަޚަމްކޮށްލުމަށްފަހު ފިލައިގެން ދިޔަ ދެ މީހުން، ހައިވޭ މަތިން ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި، ހުޅުމާލޭ ރެހެންދި ޓާފް ދަނޑު ކައިރީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު ހަމަލާދިން މައްސަލައެއް ރޭ 23:35 ގައި ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މި ހަމަލާގައި އެމީހުން ބޭނުންކޮށްފައިވަނީ ކޯރާޑިއެކެވެ.
ހާދިސާގައި ޒަޚަމްވި މީހާއަށް ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދީފައެވެ. ހަމަލާދިނުމަށްފަހު ސައިކަލުގައި ތިބި ދެ މީހުން ފިލައިގެން މާލެ ދަނިކޮށް، އާންމުންގެ އެހީތެރިކަމާއެކު ހައިވޭ މަތިން ވަނީ އަތުލައިގެންފައެވެ.
ފުލުހުން ބުނާގޮތުގައި، މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ ހީނާމާގޭ އުމުރުން 25 އަހަރުގެ ރުސްތުމް އިބްރާހިމް އާއި ބ. ހިތާދޫ ސްޓާ އުމުރުން 18 އަހަރުގެ އަބްދުﷲ ޒާހިދު ޒުބައިރެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.









