ރ. މީދޫގައި ފުލުހަކާއި ކުޑަކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުސް އޮފިސަރަށް ހަމަލާދޭން އުޅުނު ކަމަށް ބުނާ އެ ކުއްޖާ ކޮންޓްރޯލް ކުރަން އޮފިސަރު އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
ފުލުހުން މިއަދު ބުނީ މީދޫގައި މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުން ދިޔަ ކުދިންތަކަކަށް އެގޮތަށް ކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން އެކަން ނުހުއްޓާނެ ކަމަށް ބުނެ، ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާކުރުމަށް އެ ކުދިން ދެކޮޅު ހަދާފައިވާ ކަމަށެވެ. އެކަން ހިނގީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ޒާތީ މައުލޫމާތު ހިއްސާކުރަން ދެކޮޅު ހަދައި، ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން އެތަނުން ކުއްޖަކު ހަމަނުޖެހުން ހިންގައި ފުލުސް އޮފިސަރަށް ހަމަލާދީފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެތަނުން ކުއްޖަކަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތުކުރާތީ އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ.
ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހެދުމުގެ މަސައްކަތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ކުއްޖާގެ އުމުތެއް ފުލުހުން ބުނެފައި ނުވާއިރު، ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.









