ގައުމީ އެއާލައިން މޯލްޑިވިއަން އިން ޑޮމެސްޓިކް ދަތުރުތަކުގައި ބޭނުންކުރަމުން އަންނަ ޑޭޝް-8 (ޑީއެޗްސީ-8)ގެ މަތިންދާބޯޓެއް ވިއްކާލަން އިއްޔެ އިއުލާނުކޮށްފި އެވެ.
މޯލްޑިވިއަންގެ އިއުލާނުގައި ވަނީ އެކަމަށް އެދި ހުށަހަޅަން ޖެހެނީ މި މަހު 28 ގަ އެވެ.
އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާލަން އިއުލާނުކުރި އިރު ޑިޕޮސިޓެއްގެ ގޮތުގައި އެއް ލައްކަ ޑޮލަރު ހުށަހަޅަން ޖެހޭ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައި ބުނީ ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓް ޑިޕޮސިޓެއްގެ ގޮތުގައި ތިން ލައްކަ ޑޮލަރު ހުށަހަޅަން ޖެހޭ ކަމަށާއި އެ މުއާމަލާތް ހިންގަން ކަނޑައަޅާފައި ވަނީ ޑޮލަރުން ކަމަށެވެ.
މޯލްޑިވިއަން އިން މިދިޔަ އަހަރު ވެސް އެއް ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓެއް ވިއްކާލި އެވެ.
އެ އެއާލައިން 2000 ވަނަ އަހަރު އޮޕަރޭޝަނަށް އައިސް އެންމެ ފުރަތަމަ ބޭނުންކުރީ ޑޭޝް-8 ގެ މަތިންދާބޯޓުތަކެވެ. އެ ބޯޓުތައް އުފެއްދުން 2010 ވަނަ އަހަރު ވަނީ ހުއްޓާލައިފަ އެވެ.
މޯލްޑިވިއަނުން ވަނީ 2023 ވަނަ އަހަރު ކުރީކޮޅު މުޅިން އާ ތިން އޭޓީއާރް މަތިންދާބޯޓު ގެނެސްފަ އެވެ. އަދި މިދިޔަ އަހަރު އެއް ބޯޓު ގެނެސްފައިވާ އިރު، އަންނަ މަހު އާ ބޯޓެއް ގެންނަން ވަނީ ނިންމައިފަ އެވެ. އިތުރު ތިން ބޯޓާއި އެކު، އޭޓީއާރްގެ އަދަދު އަށަކަށް އިތުރު ވާނެ އެވެ.
އެއާލައިނުގެ ފްލީޓުގައި މި ވަގުތު 25 އެއާކްރާފްޓު ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ޑޭޝް-8 އާއި އޭޓީއާރް އާއި އެއާބަސް އޭ330 އާއި އޭ320 ބޯޓެއް ވެސް ހިމެނެ އެވެ.









