ޅ. ނައިފަރުގައި ހަދަން ފަށާފައިވާ ޢިމާރާތެއްގެ ފާރު ވެއްޓި، ޖެހިގެން ހުރި ގެއަށް ގެއްލުންވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހަދަން ފަށާފައިވާ ޢިމާރާތެއްގެ ފާރު ވެއްޓިފައިވަނީ ގަދަ ވައިގެ ސަބަބުން ކަމަށެވެ.
އެ ހާދިސާގައި، ޅ. ނައިފަރު ވެލްކަމްގޭޓް ގޭގެ އެއްކޮޓަރި ދިރިނޫޅޭވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެގޮތުން އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ނައިފަރު ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ނައިފަރު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ އެކަން ހިނގީ މިއަދު އިރުއޮއްސި ހައެއްޖެހި އިރު ކަމަށާއި އެ ގޭގައި ދިރިއުޅޭ ކުޑަ ދެކުދިންނަށް އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން އެ ދެކުދިންގެ ގައިން ހަން މަށައިގެން ދިޔަ ކަމަށް ރަޝީދު ވިދާޅުވިއެވެ.






