ގއ. އަތޮޅު ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމަށް ފަހު އިތުރު ފަރުވާއަށް މައިމީހާއާއި ދަރިފުޅު މާލެ ގެނައުމަށް އެއަރ އެމްބިއުލާންސް އޮޕަރޭޓް ކުރީ ދެމައިންނަށް ބޭނުންވާ އާލާތްތަކާ އެކު ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.
އިއްޔެ ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ގއ ވިލިނގިލީ ޒަމާނީވިލާ ޝިއުނާ ތައުފީގާއި ޝިއުނާ ވިހެއި އޭނާގެ 3 ވަނަ ދަރިފުޅެވެ.
މައުލޫމާތު ލިބޭ ގޮތުގައި އިއްޔެ ހަވީރު ޝިއުނާގެ ދަރިފުޅު ނެގުމަށް ހެދި ސިޒޭރިއަށް އަށް ފަހު ހޭނާރައިގެން މަންމައާއި އަދި ދަރިފުޅުވެސް ވަނީ ވެންޓިލޭޓަރަށްލައި ފަރުވާ ދީފައެވެ. ޝިއުނާ ނިޔާވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ކޫއްޑޫއަށް ގެންދިޔަ ފަހުންނެވެ. އަދި ދަރިފުޅު މާލެގެންދިޔަ ނަމަވެސް ރޭ ފަތިހު ދަރިފުޅު ވެސް ވަނީ ނިޔާވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ އެއަރ އެމްބިއުލާންސްގައި މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން ބަލިމީހާ ގޮވައިގެން ނުފުރި ލަސްވުމުގެ ސަބަބުން ކަމަށް ވިލިނގިލީ ކައުންސިލްގެ މެންބަރަކު ވަނީ ސޯޝަލް މީޑިއާގައި ލިޔުއްވާފައެވެ.
މޯލްޑިވިއަން އިން ބުނީ އެއަރ އެމްބިއުލާންސް އޮޕަރޭޓްކޮށްފައިވަނީ މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސަސްއާއި ގުޅިގެން، ދެމައިން މެޑިކަލް އިވެކުއޭޓް ކުރުމަށް ބޭނުންވާ އާލާތްތަކާއެކު ޕްރޮޓޮކޯލްގެ ދަށުން ކަމަށެވެ. އަދި މި ހިތާމަވެރި ހާދިސާއާ ގުޅިގެން މޯލްޑިވިއަން އިން ވަނީ ޢާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.
މި ހާދިސާ ހިނގި ގޮތް ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހެލްތު މިނިސްޓްރީން ވެސް ވަނީ މިއަދު ބުނެފައެވެ.









