ޣައްޒާ އަތުލައިގަތުމާއި ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވާފައިވާ ވާހަކަތަކަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް، މައުމޫން ޢަބްދުލް ޤައްޔޫމް ބަސް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ކިތަންމެ ބާރުގަދަ މީހަކަށް ވެސް ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފަށް މިފަދަ ކަމެއް ކުރެވިގެނެއް ނުވާނެ" ކަމަށެވެ.
މިއީ ޓްރަމްޕް ހުށަހެޅުއްވި ޕްލޭނުގައިވާ ގޮތުން، މިއަދު ފަލަސްތީނުގެ ރައްޔިތުން އަވައްޓެރި ޤައުމުތަކަށް ބަދަލުކުރުމަށްފަހު، ހަނގުރާމައިގައި ވީރާނާވެފައިވާ ޣައްޒާ ސަރަހައްދު އެމެރިކާގެ ބެލުމުގެ ދަށަށް ގެންނަން ބޭނުންވާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. ޓްރަމްޕް މި ޕްލޭން ހާމަކުރެއްވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޓްރަމްޕް ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުން "ޣައްޒާއިން ފުރައިގެން ދިއުމަށް ވަރަށް ބޮޑަށް އެދޭނެ" ކަމަށެވެ. އަދި ޣައްޒާގައި "ރީތި ހިތްގައިމު ރިވިއެރާއެއް" ހަދާނެ ކަމަށާއި، ޣައްޒާގައި މިހާރު ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.









