ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ތައިލޭންޑާއި މެލޭޝިއާއަށް އެ ކުންފުނީގެ ދަތުރުތައް ފުޅާކުރުމަށްޓަކައި އެ ދެ ޤައުމުގައި އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވިއަންއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެޖެންޓުން ހޯދަން އިޢުލާންކޮށްފައި ވަނީ ތައިލޭންޑްގެ ވެރިރަށް ބެންކޮކާއި މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރަށެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
މޯލްޑިވިއަންއިން ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެސްފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. މިހާރު އެ ކުންފުނިން ވަނީ ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ފަށާފައެވެ. އެއީ ޗެންޑޫ، ބެއިޖިންގ އަދި ޝަންހާއީއެވެ. މި ދަތުރުތަކަށް ފަތުރުވެރިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް މޯލްޑިވިއަންއިން ފާހަގަކުރިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަހަރުގެި އޮކްޓޯބަރ މަހުގެ ތެރޭގައި މޯލްޑިވިއަންގެ ފްލީޓަށް އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނެސް ޚިދުމަތް ފުޅާކުރައްވާނެ ކަމަށެވެ. އަދި ވައިޑް-ބޮޑީ މަތިންދާބޯޓާއެކު މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށްވެސް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.









