ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފިއެވެ.
މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރަމަޟާން މަހު އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުހިންމު ތަކެތި އެކަށީގެންވާ އަގެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން މިހާރު ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. މީގެ ތެރޭގައި:-
އަސާސީ ކާބޯތަކެތި،
ތާޒާ ތަރުކާރީ އަދި މޭވާ،
ޕްރޮސެސްޑް ކާނާ، އަދި
ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ.
މި ތަކެތީގެ ތެރޭގައި ފިޔާ، ބިސް، އަލުވި، ކާށި، ކަދުރު، ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ، ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު، ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، އަދި ބާސްމަތި ހަނޑޫ ވެސް ހިމެނެއެވެ.
ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ޤައުމަކަށް ވުމާއެކު، ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތައް ދިރާސާކޮށް، ރާއްޖޭގެ ބާޒާރުގައި އުފެދޭ ޑިމާންޑާ އެއްވަރަށް މުދާ ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްކަން އެސްޓީއޯއިން ފާހަގަކުރެއެވެ.
ރަމަޟާން މަހަކީ ކާބޯތަކެތީގެ ޑިމާންޑް އިންތިހާއަށް މަތިވާ މޫސުމަކަށް ވުމާއެކު، ކުރީ އަހަރެކޭ ވެސް އެއްފަދައިން އެސްޓީއޯއިން އަމާޒު ހިފާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފަޔާއި އިރުޝާދާއެކު ތަކެތީގެ އަގު އުފުލިގެން ނުދިޔުމަށެވެ.









