މާފަންނު "ބޮޑުގެ" ސަރަޙައްދުގައި ހުރި ވަގުތީ މިސްކިތުގެ ބަދަލުގައި 3 ބުރީގެ ޒަމާނީ މިސްކިތެއް އިމާރާތްކޮށް އަމަލީ މަސައްކަތް ރޯދަމަހަށްފަހު ފަށަން ސަރުކާރުން ނިންމައިފިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވިގޮތުގައި، މާފަންނު ބިސްބުރު ކައިރީ، މުރަނގަ މަގުގައި މިހާރު ހުރި ވަގުތީ މިސްކިތުގެ ބަދަލުގައި އިމާރާތްކުރާ މި އައު މިސްކިތަކީ ޒަމާނީ ފެންވަރުގެ 3 ބުރީގެ އިމާރާތެކެވެ. މި މިސްކިތުގައި ނަމާދުކުރުމުގެ އިތުރުން ދީނީ ޢިލްމު އުނގަންނައިދިނުމަށް ބޭނުންވާ ކްލާސްތައް ހިންގޭނެ ގޮތަށް ފަރުމާކުރެވިފައިވާ އިމާރާތެއްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
އައު މިސްކިތުގައި ނަމާދުކުރާ ބައިގެ އިތުރުން، ޤުރްއާނުގެ ޢިލްމު އުނގަންނައިދެވޭ ކްލާސްރޫމާއި ލައިބްރަރީ ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މިސްކިތުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ރަމަޟާން މަހުގެ ފަހުން ވަގުތީ މިސްކިތް ތަޅާލައި އައު މިސްކިތުގެ މަސައްކަތް ފަށާނެ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، މިސްކިތްތައް ބެލެހެއްޓުމާއި އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްދެއެވެ. މިގޮތުން މިދިޔަ އަހަރު މުޅިން އަލަށް ތިން މިސްކިތެއް ހުޅުވުނު އިރު، އޭގެ ތެރެއިން ދެ މިސްކިތަކީ އަމިއްލަ ފަރާތްތަކުން ބިނާކުރި މިސްކިތްތަކެވެ.
މީގެ އިތުރުން، މިދިޔަ އަހަރު 9 ފަރާތަކުން މިސްކިތް ބިނާކުރުމަށް އެދި ހުށަހެޅުމުން، އެކަމުގެ ހުއްދަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދީފައިވެއެވެ. މީގެ ތެރޭގައި މާލެ ސަރަޙައްދުގައި ބިނާކުރާ 5 މިސްކިތާއި އަތޮޅުތަކުގައި ބިނާކުރާ 4 މިސްކިތް ހިމެނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އައު މިސްކިތުގެ މަސައްކަތް ނިމި ހުޅުވުމުން، މާފަންނު ސަރަޙައްދުގެ ރައްޔިތުންނަށް އިތުރު 1000 މީހުންނަށް އެއްފަހަރާ ނަމާދުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.









