ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ފިނޭންސް މިނިސްޓްރީން 3.5 ބިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކުމަށް ހުޅުވާލައިފިއެވެ. މިއީ މި އަހަރު ޓީ-ބިލް ވިއްކަން ހުޅުވާލި ތިންވަނަ ފަހަރެވެ.
ފިނޭންސުން ބުނީ މި ފަހަރު ވެސް ވިއްކަން ހުޅުވާލާފައިވަނީ އެކި މުއްދަތުތަކަށް އަނބުރާ ދައްކާ ގޮތަށް ތަފާތު އަދަދުތަކުގެ ޓީ-ބިލްތަކެކެވެ.
ފިނޭންސް މިނިސްޓްރީން ހުޅުވާލާފައިވާ ޓީ-ބިލްތަކުގެ ތެރޭގައި 28 ދުވަހުން އަނބުރާ ދެއްކުމަށް 925 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި، 98 ދުވަހުން އަނބުރާ ދެއްކުމަށް 630 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެއެވެ. އަދި 182 ދުވަހުން އަނބުރާ ދެއްކުމަށް 915 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި، 364 ދުވަހުން އަނބުރާ ދެއްކުމަށް އެއް ބިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކަން ވަނީ އިޢުލާނުކޮށްފައެވެ. މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާއި ދެމެދުގައި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން ވިއްކާ ޓީ-ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި، ބައެއް ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީ-ބިލް ގަނެއެވެ.
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒްއެކެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީ-ބިލަކީ ދިވެހި ރުފިޔާއިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި، މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާއެވެ.









