މާލޭ މަގުމަތީގައި ހުރި މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި މިރޭ ޒަޚަމްކޮށްލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 8:41 ހާއިރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކައިރީގައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، ހަމަލާ ދިނީ ސައިކަލެއްގައި އައި ދެ މީހެކެވެ. އެހެންނަމަވެސް، އިތުރު މަޢުލޫމާތުތަކުން އެނގޭ ގޮތުގައި ހަމަލާ ދިން ވަގުތު އަނިޔާ ލިބުނު މީހާ ހުރީ އެސަރަޙައްދުގައި ހުރި ސައިކަލެއްގައި އިށީނދެގެންނެވެ.
ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި ފުލުހެއް އެ ތަނަށް ދިޔަ ނަމަވެސް، ހަމަލާ ދިން މީހުން ވަނީ އޭގެ ކުރިން ފިލައިގެން ގޮސްފައި ކަމަށާއި، ސައިކަލް ސްޓާޓް ނުވުމުން އެމީހުން ފިލައިގެން ދިޔައީ ދުވެފައެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ހަމަލާގައި ޒަޚަމްވި މީހާއަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައިވެއެވެ.
ފިލުހުން ދަނީ ހާދިސާ ތަޙްޤީޤު ކުރަމުންނެވެ.









