އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކުން އެމެރިކާގެ އަމިއްލަ އެދުން ބޮޑުކަން ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ. "އެމެރިކާ ފަސްޓް" ސިޔާސަތުގެ ދަށުން، ޓްރަމްޕް ވަނީ އެހެން ޤައުމުތަކުގެ މަސްލަހަތަށްވުރެ އެމެރިކާގެ މަސްލަހަތު އިސްކުރުމަށް ނިންމާފައެވެ. މީގެ ތެރޭގައި ޔޫރަޕަށް ޓެރިފް ކަނޑައެޅުމާއި، ޗައިނާއާ ދެކޮޅަށް ސިޔާސަތު ގެންގުޅުމާއި، އެމެރިކާގެ އަގުބޮޑު ގޭސް އެކްސްޕޯޓްކުރުމަށް ބާރުއެޅުން ހިމެނެއެވެ. މީގެ އިތުރުން، އެހެން ޤައުމުތަކަށް އެމެރިކާގެ ހަތިޔާރު ގަތުމަށް ބާރުއަޅައި، ޓެކްނޮލޮޖީ ދާއިރާގެ ބިލިއަނަރުންނަށް މިނިވަންކަން ދިނުމަށް ވެސް ޓްރަމްޕް ވަނީ ނިންމާފައެވެ. މި ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކަށް ގެއްލުން ލިބި، އެމެރިކާގެ ބާރު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ

ޔޫރަޕްގެ ކަނާތުފިޔައިގެ ޕާޓީތަކުން ޓްރަމްޕްގެ ބައެއް ސިޔާސަތުތަކަށް ތާއީދު ކުރި ނަމަވެސް، ވިޔަފާރީގެ ދާއިރާގައި ކުރިމަތިވާނެ ދަތިތަކާއި މެދު ކަންބޮޑުވުން ފާޅުކުރެއެވެ. އެމެރިކާގެ އެކަހެރިވުމުގެ ސިޔާސަތުގެ ސަބަބުން ދުނިޔެ އަމާންވާނެ ކަމަކަށް ޔޫރަޕްގެ ޤައުމުތަކުން ނުދެކެއެވެ. ޚާއްޞަކޮށް ޔުކްރެއިންގެ ހަނގުރާމައާއި ގުޅޭގޮތުން އެމެރިކާގެ ސިޔާސަތު ބަދަލުވުމުގެ ބިރު އެބައޮތެވެ.
އަނެއްކޮޅުން ބަލާއިރު، ޓްރަމްޕްގެ ޗައިނާއާއި ދެކޮޅު ސިޔާސަތުގެ ސަބަބުން ޔޫރަޕަށް ވެސް ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ. ޗައިނާއާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަކީ ޔޫރަޕަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. ސަބަބަކީ ޔޫރަޕްގެ ގިނަ ޤައުމުތަކަކީ ޗައިނާގެ ސަޕްލައި ޗެއިންގައި ބޮޑަށް ބަރޯސާވެފައިވާ ޤައުމުތަކަކަށް ވާތީއެވެ.
މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، ޔޫރަޕްގެ ޤައުމުތަކުން އަމިއްލަ ހަކަތައިގެ ވަސީލަތްތައް ތަރައްޤީކުރުމަށާއި، ސަލާމަތީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. އެމެރިކާގެ ނުފޫޒު ކުޑަވަމުންދާ މާޙައުލެއްގައި، ޔޫރަޕްގެ ޤައުމުތަކުން އެ ސަރަޙައްދުގެ އެހެން ޤައުމުތަކާއެކު ގުޅުން ބަދަހިކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ.

އެމެރިކާގައި މިހާރު ވެރިކަން ކުރަނީ ވިޔަފާރިވެރިންނެވެ. މަހުޖަނުންނެވެ. އެމީހުންގެ މިހާރުގެ ޕޮލިސީ އަކީ، ދުނިޔޭގެ އެހެން ޤައުމުތަކުން ޖެހޭނީ އެމެރިކާގައި އިންވެސްޓު ކުރާށެވެ. އެމެރިކާ ކުރިއަރުވާށެވެ. އެމެރިކާ އަށްވުރެ އިޤްތިޞަދީ ގޮތުން އެއްވެސް ޤައުމެއް ކުރިއަރައިގެން ގޮސްގެން ނުވާނެއެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން ވެސް އެންމެ ކުރީގައި އޮންނަން ޖެހޭނީ އެމެރިކާއެވެ. އެމެރިކާގެ ސިޔާސަތަކީ، އެންމެ ފަހު ބަސް ބުނާނެ ދުނިޔޭގެ ޤައުމަކީ އެމެރިކާ އަށް ވުމެވެ.
“އެމެރިކާ ފަސްޓް” އޭ ބުނާ ބަހުގެ ފޮރުވިފައިވާ މާނަ އަކީ އެހެން ޤައުމުތަކުގެ ރައްޔިތުންނާއި ދޭތެރޭ އެމެރިކާ ވިސްނުން މުހިއްމެއް ނޫނެވެ. އެހެން މީހުން އެއީ އެންމެ ފަހެވެ. އެހެން ޤައުމުތަކާއި މެދު އެމެރިކާ ވިސްނާކަށް ނުވެސް ޖެހޭނެއެވެ. އެކަމަކު އެހެން ޤައުމުތަކުން އެމެރިކާ އާއި ދޭތެރޭ ވިސްނަން ޖެހޭނެއެވެ. އެހެން ޤައުމުތަކުން ޖެހޭނީ އެމެރިކާ ކުރިއަރުވަން މަސައްކަތް ކުރާށެވެ.
ނޯޓް:
މި ލިޔުމުގައި ފާޅުކޮށްފައިވާ ޚިޔާލުތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލުތަކެއް ކަމަށާއި އެއީ ޚުލާޞާގެ އެޑިޓޯރިއަލް ސިޔާސަތު ދައްކުވައިދޭ ޚިޔާލުތަކެއް ނޫން ކަމުގައި ދަންނަވަމެވެ.









