އެމެރިކާގެ އޮރެގަން ސްޓޭޓްގެ ޕްރައިމަރީ ސްކޫލެއްގައި އުމުރުން 16 އަހަރުގެ ކުއްޖަކު ދިން ނުރައްކާތެރި ބަޑީގެ ހަމަލާއެއްގައި ތިން ކުޑަކުދިންނާއި ޓީޗަރަކު މަރުވެއްޖެއެވެ.
އެމެރިކާ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ބެންޑް ސިޓީގައި ހުންނަ 'ސިލްވާ ރެއިލް އެލިމެންޓްރީ ސްކޫލް' ގައި ބުރާސްފަތި ދުވަހުގެ މެންދުރުފަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 5 އަހަރާއި، 8 އަހަރު އަދި 11 އަހަރުގެ ތިން ކުދިންގެ އިތުރުން އެ ސްކޫލުގެ ޓީޗަރެކެވެ.
މި ހަމަލާ ދިން އުމުރުން 16 އަހަރުގެ ކުއްޖާ ސްކޫލަށް ވަދެފައިވަނީ ތަޅުލާފައި ހުރި ދޮރުތަކަށް ބަޑިޖަހައި ހަލާކުކޮށްލައިގެންނެވެ. އެހެންނަމަވެސް، އެ ކުއްޖާ ސްކޫލް ތެރޭގައި އުޅެނިކޮށް، އާންމު ރައްޔިތަކު ވަނީ އޭނާއަށް ބަޑިން ހަމަލާދީ މަރާލާފައެވެ.
މި ހާދިސާގައި އުމުރުން 7 އަހަރުގެ ކުއްޖަކަށާއި 54 އަހަރުގެ ޓީޗަރަކަށް ވަރަށް ބޮޑަށް އަނިޔާވެ، ސީރިއަސް ހާލަތެއްގައި ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. ހަމަލާދިން 16 އަހަރުގެ ކުއްޖާ މި އަމަލު ހިންގި ސަބަބެއް އަދި އެ ސްކޫލާ އޭނާއާ އޮތް ގުޅުމެއް އިދާރާތަކަށް އަދި ސާފުވެފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސްކޫލްތައް މިއަދު ބަންދުކޮށްފައިވާއިރު، ކޭ-12 ސްކޫލް ޝޫޓިންގ ޑޭޓާބޭސްއިން ހާމަކުރާ ގޮތުގައި ވޭތުވެދިޔަ އަހަރު އެމެރިކާގައި 235 ސްކޫލް ޝޫޓިންގ ހާދިސާ ހިނގާފައިވާއިރު، މި އަހަރުގެ މިހާތަނަށް މަދުވެގެން 140 ހާދިސާ ވަނީ ރިޕޯޓްކޮށްފައެވެ.





