އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންނާއި ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިންގެ ހަމަލާތަކުގައި ޝަހީދުވި އެމެރިކާގެ ރައްޔިތުންނާ ގުޅޭ މައުލޫމާތުތައް ފޮރުވަން އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ މަސައްކަތް ކުރައްވާ ކަމަށް ބުނެ، އެމެރިކާގެ ސެނެޓަރު ކްރިސް ވެން ހޮލެން ވަރަށް ބޮޑަށް ތުހުމަތު ކުރައްވައިފިއެވެ. ސެނެޓަރު ވެން ހޮލެން ވަނީ މި "މައުލޫމާތު ފޮރުވުމުގެ" ސީރިއަސް މައްސަލަ އެމެރިކާގެ ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީން ރަސްމީކޮށް ހުޅުވާލައިގެން ބޮޑު ތަހުގީގެއް ހިންގުމަށް ގޮވާލައްވާފައެވެ.
މި މައްސަލައިގެ ތަފްސީލީ ރިޕޯޓެއް ނިއުޔޯކް ޓައިމްސް ނޫހުން މި ހަފްތާގައި ނެރެފައިވާއިރު، އެ ނޫހުން ބުނާގޮތުގައި ސަފީރު ހަކަބީގެ އިސް މުޝީރެއް ކަމަށްވާ ޑޭވިޑް މިލްސްޓެއިން ވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިންނާއި ވަޒަންވެރިންގެ ހަމަލާތަކުގައި ޝަހީދުވި 9 ފަލަސްތީނު-އެމެރިކާ ރައްޔިތުންގެ މަރުގެ ތަހުގީގުތައް ކުރިއަށްނުގޮސް ހުއްޓިފައިވާ ކަމުގެ ރިޕޯޓުތައް ގަސްތުގައި ހިފަހައްޓާފައެވެ.
މިލްސްޓެއިން ވަނީ އެމެރިކާގެ ވޮޝިންގްޓަނަށް ފޮނުވަން ތައްޔާރުކުރި އެމްބަސީގެ ރަސްމީ ލިޔެކިޔުންތައް ހުއްޓުވައި، އިސްރާއީލުގެ ބެންޖަމިން ނަތަންޔާހޫ ސަރުކާރު ދިފާއުވާ ގޮތަށް އެ ރިޕޯޓުތައް ބަދަލުކޮށް، އޮޅުވާލާފައި ކަމަށް އެމްބަސީގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.
ސެނެޓަރު ވެން ހޮލެން ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ އަމިއްލަ ރައްޔިތުންތަކެއް ބޭރު ފަސްގަނޑެއްގައި ޝަހީދުކޮށް/މަރަމުންދާއިރު، އެމީހުންގެ ހިމާޔަތުގައި ތިބޭ އެމްބަސީގެ އިސްވެރިން އެކަން ފޮރުވައި އިސްރާއީލު ކުށްވެރިނުވާނެ ގޮތަށް ކަންކަން ނިންމުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުން ދަނީ މިކަމުގައި ވޮޝިންގްޓަން ޖަވާބުދާރީކުރުމަށް މަސައްކަތް ކުރަމުންނެވެ.




