ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ވަގުތީ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މުޙައްމަދު ޝުޖާއު ޢައްޔަންކޮށްފިއެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަޙްމަދު ޒުހޫރު މަޢުލޫމާތު ދެއްވި ގޮތުގައި، ޝުޖާއު މި މަޤާމަށް ހަމަޖެއްސީ އިހަށްދުވަހުއެވެ. ދާއިމީ ޖެނެރަލް ސެކްރެޓަރީއެއް ހޮވެންދެން ޝުޖާއު މި މަސްއޫލިއްޔަތު އަދާކުރައްވާނެއެވެ.
މި މަޤާމު ހުސްވެފައިވަނީ ކުރީގެ ޖެނެރަލް ސެކްރެޓަރީ ނާހިލް އަޙްމަދު ސިއްދީގު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޝުޖާއު ވަނީ މީގެ ކުރިން ސަރުކާރުގެ އިސް މަޤާމުތައް އަދާކޮށްފައެވެ. އޭގެތެރޭގައި އެންމެ ފަހުން އަދާކުރި އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ހިމެނެއެވެ.
ފީފާގެ އިރުޝާދުގެ ދަށުން އެފްއޭއެމް މިހާރު ވަނީ ނޯމަލައިޒޭޝަން މަރުޙަލާ އަކަށް ވަދެފައެވެ. މި މަރުޙަލާގައި ނޯމަލައިޒޭޝަން ކޮމިޓީން 31 ޖުލައި 2025 ގެ ކުރިން އެފްއޭއެމްގެ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.
މީގެ އިތުރުން، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ގުޅުންހުރި މާލީ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާއި، އެފްއޭއެމްގެ އަސާސީ ގަވާއިދު އިޞްލާޙުކުރުމުގެ މަސައްކަތްތައް ވެސް ނޯމަލައިޒޭޝަން ކޮމިޓީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.









