އުސޫލުން ބޭރުން ބަޔަކަށް ގޯތި ދިން މައްސަލައެއް ފެންމަތިވެ އިސްތިއުފާދެއްވި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ގެއިން ފުލުހުން ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ އޭނާއަށް ރައްދު ކޮށްދީފިއެވެ.
ފަޒުލްގެ ގެއިން ފެނުނު ފައިސާ އާއި ގުޅޭގޮތުން ސްޕީޑް ބޯޓުގެ ޚިދުމަތްދޭ ރިލެކްސް ފެރީ ސާވިސަސްއިން ބުނެފައިވަނީ އެ ކުންފުނިން 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއި އެކު މުޢާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށެވެ. އަދި ދެވަނަ ފަހަރަށް ލޯންޗެއް ބަނުމަށް މިދިޔަ އަހަރު ކުރީކޮޅު މަޝްވަރާކުރެވި، 2024 ގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށެވެ.
ފަޒުލްގެ ގެ މ. ޒޭވަރު ބަލައި ފާސްކޮށްފައިވަނީ 23 ޑިސެމްބަރު 2024 ގައި ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލައިގައި ފަޒުލްއަށް ތުހުމަތުކުރެވެނީ ޑޮކިއުމަންޓްތައް ފޯޖުކުރި ކަމަށެވެ.
މި މައްސަލައިގައި ފަޒުލްގެ ބޭބެ އަދި މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދުގެ ނަމުގައި ވެސް ގޯއްޗެއް ލިބުނު ކަމަށް ބުނާ ލިޔުންތަކެއް އާންމުވެފައިވެއެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ ދެ މީހުން ގޯއްޗަށް އެޕްލައިވެސް ކޮށްފައިނުވާ ކަމަށާއި ގޯތި ދޫކޮށްފައި ވެސް ނުވާ ކަމަށެވެ.
މި މައްސަލައިގައި ފަޒުލް އާއި ފަޒީލްގެ ޕާސްޕޯޓު އަދިވެސް ވަނީ ހިފަހައްޓާފައެވެ.









