މި އަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފަރ ވިންޑޯގައި ޕްރިމިއަރ ލީގުގެ އެންމެ ބޮޑު ޚަރަދުކުރި ޓީމަކަށް މެންޗެސްޓަރ ސިޓީ ވެއްޖެއެވެ. މެންޗެސްޓަރ ސިޓީން މި މުއްދަތުގައި ވަނީ 180 މިލިއަން ޕައުންޑަށް ވުރެ ގިނަ އަދަދަކަށް ފައިސާ ޚަރަދުކޮށްފައެވެ.

މެންޗެސްޓަރ ސިޓީން ގެނައި މުހިންމު ކުޅުންތެރިންގެ ތެރޭގައި އެފްސީ ޕޯޓޯގެ ސްޕެއިން މިޑްފީލްޑަރ ނިކޯ ގޮންޒާލެޒް އާއި، އައިންޓްރެކްޓް ފްރޭންކްފަރޓްގެ އިޖިޕްޓް ފޯވަޑް އޯމަރ މަރްމޫޝް، އަދި ޑިފެންޑަރުންގެ ގޮތުގައި އަބްދުކޯދިރ ޚުސާނޯވް އާއި ވިޓޯ ރެއިސް ހިމެނެއެވެ. މިސީޒަނުގައި ސިޓީއަށް ދިމާވެފައިވާ މައްސަލަ ތަކުގެ ސަބަބުން ޓީމުގެ ޕަރފޯމަންސް ރަނގަޅުކުރުމުގެ މަޤްޞަދުގައި މި ބަދަލު ގެނައިއިރު، މިހާރު މެންޗެސްޓަރ ސިޓީ ވަނީ ލީގުގެ 5 ވަނައިގައެވެ. އަނެއްކޮޅުން މިއީ ވިދިވިދިގެން 5 ވަނަ ފަހަރަށް ޑޮމެސްޓިކް ތަށި ހޯދުމަށް މަސައްކަތްކުރަމުންދާ ފަހަރު ވެސް މެއެވެ..

ސިޓީއިން މިހާވަރަށް ޚަރަދު ކުރިއިރު ފާހަގަކުރެވޭ އަނެއް ކަމަކީ ލީގުގައި ދެން ތިބި ޗެލްސީ، ލިވަރޕޫލް، އާސެނަލް، އަދި ނިއުކާސަލް ފަދަ ޓީމުތަކުން މި ޓްރާންސްފަރ ވިންޑޯގައި މާބޮޑު ކަމެއް ކޮށްފައެއް ނުވެއެވެ. މި ޓީމުތަކުން ވަނީ އެ ޓީމުތަކުގެ ސްކޮޑަށް މުހިންމު ބަދަލެއް ނުގެނައުމަށް ނިންމާފައެވެ.