އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްކަންދަރު ކޮށީގައި ހުންނަ ފުލުހުންގެ ވިޔަފާރި ކުންފުނި ޕޮލްކޯގެ އޮފީސް ބަލައިފާސްކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި މިއީ ކޮޮންމެވެސް މައްސަލައަކާއި ގުޅުންހުރި ހެއްކާއި ގަރީނާ ހޯދުމަށް ޓަކައެވެ.
މި ބަލައި ފާސްކުރުމުގެ މަސައްކަތް ފެށިފައިވަނީ "ބްލޫސް ހައުސިން ސްކީމް" މަޝްރޫޢުއާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވާ މައްސަލަތަކާއި ގުޅިގެން ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ފުލުހުންގެ ވެލްފެއަރ ކަންތައްތައް ކުރިއެރުވުމަށްޓަކައި ޕޮލްކޯއާއި ޙަވާލުކޮށްގެން ހިންގި ގެދޮރުވެރިކަމުގެ މަޝްރޫޢެކެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢަށް އޮޑިޓު ކުރެވުނު ތާރީޚުގެ ނިޔަލަށް 1.06 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާގެ އިތުރު ޚަރަދެއް ހިމެނޭ ކަމަށް ފާހަގަކޮށްފައިވެއެވެ.
އޮޑިޓު ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައި ވަނީ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް ތަފާތު ބަދަލުތައް ގެނެސްފައިވާ ކަމަށާއި، މަސައްކަތް ނިންމުމުން ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ފައިސާ ދައްކާފައިވާ ކަމަށެވެ. މި ކަންކަމުގެ ސަބަބުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.