އެމެރިކާ ސަރުކާރުން ޔޫއެސްއެއިޑްގެ އެހީތައް ވަގުތީގޮތުން އިއްޔެ މެދުކަނޑާލުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލިއްޖެއެވެ.
އެމެރިކާގެ ވޮޝިންގްޓަން ޑީ.ސީ ގައި އެކަނި ވެސް 3،000 އަށްވުރެ ގިނަ އެކި ދާއިރާގެ ޕްރޮފެޝަނަލުންގެ ވަޒީފާ ގެއްލުމުގެ ބިރު ވަނީ ކުރިމަތިވެފައި ކަމަށް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން ބޭރު ޤައުމުތަކުގައި ވެސް ޔޫއެސްއެއިޑްގެ އެހީގައި ހިންގަމުންދިޔަ ގިނަ ޕްރޮގްރާމުތަކެއް ހުއްޓާލަން ޖެހުމުގެ ސަބަބުން ވަރަށް ގިނަ މުވައްޒަފުންތަކެއް ވަނީ ވަޒީފާ ގެއްލިފައެވެ.
އޭގެތެރޭގައި، ތައިލެންޑުގައި ހުރި މިޔަންމާ ރެފިއުޖީ ކޭމްޕްތަކުގެ ހެލްތު ކްލިނިކްތައް ބަންދުކުރަން ޖެހުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތްކުރަމުންދިޔަ ގިނަ އަދަދެއްގެ ސިއްޙީ ކަންތަކާއިގުޅޭ މުވައްޒަފުންގެ ވަޒީފާ ވެސް ގެއްލިފައެވެ.
އދ. ގެ އެހީދޭ އޭޖެންސީތަކަށް ވެސް މިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. އެގޮތުން މުވައްޒަފުން ނެގުން މަޑުޖައްސާލުމާއި، މުހިންމު ތަކެތި ގަތުމުގައި ލަސްތަކެއް އަންނަމުންދާ ކަމަށް ބުނެވެއެވެ. މީގެ ސަބަބުން ކުއްލި އެހީ ބޭނުންވާ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އުޅޭ ގިނަ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލެމުންދާ ކަމަށް ވެސް ޚަބަރު ލިބެއެވެ.
ޔޫއެސްއެއިޑްގެ އެހީތައް މެދުކަނޑާލުމުގެ ސަބަބުން ރާއްޖޭގެ ބައެއް މީހުންގެ ވަޒީފާތައް ވެސް ގެއްލުމުގެ ބިރު ހީވެފައިވާ ކަމަށައި ބައެއް ފަރާތްތަކުގެ ވަޒީފާ މިހާރު ގެއްލިފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި ޚަބަރުތައް ދަނީ ފެތުރެމުންނެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް ރަސްމީ އިދާރާއަކުން ޔޫއެސް އެއިޑް ހުއްޓަލުމާއި ގުޅިގެން ދިވެއްސެއްގެ ވަޒީފާ ގެއްލުނު ކަމެއް ހާމައެއް ނުކުރެއެވެ.
ޓްރަމްޕުގެ އެންމެ އިސް މުޝީރު އަދި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އެލޮން މަސްކު ބުނީ ޔޫއެސް އެއިޑް އަކީ ބޭކާރު އެޖެންސީއެއް ކަމަށާއި އެމެރިކާއަށް ބޭނުންވަނީ އެހެން ޤައުމުތަކުން އެމެރިކާއަށް އިންވެސްޓް ކުރުމެވެ. އެއްވެސް ހާލެއްގައި އެމެރިކާއިން އެހެން ތަންތަނަށް ފައިސާ ދިނުމެއް ނޫނެވެ.
ޔޫއެސް އެއިޑް އަކީ ބޮޑު ކޮރަޕްޝަނެއް ކަމަށާއި އެއީ އެމެރިކާއަށް ފައިދާވާ ކަމެއް ނޫން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވިދާޅުވިއެވެ. ޔޫއެސް އެއިޑް އެޖެންސީ އިން 2023 ވަނަ އަހަރު 40 ބިލިއަން އެމެރިކާ ޑޮލަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޚަރަދު ކޮށްފައި ވެއެވެ.
ޓްރަމްޕަކީ ވިޔަފާރިވެރިއެކެވެ. އޭނާ ބޭނުންވަނީ އެމެރިކާގެ އިޤްތިޞާދު ރަނގަޅު ކުރާށެވެ. ޓްރަމްޕު، ޔުއެސް އެއިޑް އެޖެންސީ ހުއްޓުވާލީ ވެސް އެހެންވެއެވެ. ނަމަވެސް އެއީ 90 ދުވަހަށެވެ. އޭގެފަހުން ދެން ވާނެ ގޮތެއް ނޭނގެއެވެ.









