މާލޭގެ މަޖީދީމަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތާ ގުޅިގެން، ވަގުތީގޮތުން ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ 6 އިން 9 ވަނަ ދުވަހުގެ ނިޔަލަށް މި ބަދަލު ގެންނަން ނިންމާފައިވަނީ މަޖީދީމަގާއި، ޗާންދަނީމަގާއި ރަށްދެބައިމަގު ހިމެނޭ ސަރަހައްދަށް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އާންމުންގެ ކިބައިން މަޢާފަށް އެދިފައިވެއެވެ.
ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް މާލޭގެ ބައެއް މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. ވާރޭ ވެހުމާއެކު މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވާ މައްސަލައަކީ ދިގު މުއްދަތެއް ވަންދެން ހައްލު ނުވެ އޮތް މައްސަލައެކެވެ. މި މައްސަލަ ހައްލު ކުރުމަށް ކޮންމެ ސަރުކާރަކުންވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފާހަގަ ކުރެވެއެވެ.
މިހާރުގެ ސަރުކާރުން ވެސް މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ދެއެވެ. މި ގޮތުން މިހާރު ކުރިއަށްދާ މަޝްރޫޢުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ދިފާޢީ ވުޒާރާއިން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.









