ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ޤަވާޢީދާއި ޚިލާފަށް ސަފާރީއަކަށް އެރުވި 3474 ބަނގުރާ އަޅާފައިވާ ތަކެތި ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި އިއްޔެ، އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދިއްގަރުފަޅާއި މަހިބަދޫ އާއި ދެމެދު ކަނޑުމަތިން ދޯންޏަކާއި ސަފާރީއެއް ބަލައި ފާސްކުރިއިރު 1794 ފުޅި ބަނގުރަލާއި 1680 ދަޅު ބިއަރު ފެނުނެވެ.
ފުލުހުންގެ ތަޙުޤީޤަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި ތަކެއްޗަކީ ޤަވާޢިދާއި އެއްގޮތަށް ބޮންޑެޑް ވެއާހައުސްއިން ނެރެގެން ރިސޯޓަކަށް ގެންދަން އުޅުނު ތަކެތި ކަމަށާއި، ނަމަވެސް މިތަކެތި ސަފާރީއަށް އަރުވާފައި ވަނީ ޤަވާޢިދާއި ޚިލާފަށްކަން ފާހަގަ ކުރެވިފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިއެވެ.









