އަމާޒަކީ މިއަހަރު އިންޑިޔާއިން ރާއްޖެއަށް 3 ލައްކަ ފަތުރުވެރިން ގެނައުން ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހާމަކޮށްފިއެވެ.
އެމްއެމްޕީއާރުސީން ބުނީ، އިންޑިޔާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. 2019 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އިންޑިޔާއިން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވަމުން އައިސް، 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް އިންޑިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.
ނަމަވެސް، ފާއިތުވި ތިން އަހަރު ވަނީ އިންޑިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައެވެ. 2021 ވަނަ އަހަރު 291,787 ފަތުރުވެރިން ޒިޔާރަތްކުރި އިރު، 2022 ވަނަ އަހަރު 241,361 އަށް ދަށްވެ، 2023 ވަނަ އަހަރު 209,100 އަށް ދަށްވިއެވެ. އަދި 2024 ވަނަ އަހަރު މި އަދަދު ވަނީ 130,328 އަށް ދަށްވެފައި ކަމަށް އެމްއެމްޕީއާރުސީން ހާމަކުރިއެވެ.
މި އަދަދު އިތުރު ކުރުމަށްޓަކައި، އެމްއެމްޕީއާރުސީން ވަނީ އިންޑިޔާގައި ރާއްޖެ އިޝްތިހާރު ކުރުމަށް މިއަހަރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައެވެ. މީގެ ތެރޭގައި ސަމަރ ކެމްޕެއިނާއި، އިންޑިޔާގެ ބޮޑެތި އެއަރލައިން ތަކާއެކު ކުރިއަށް ގެންދާ ކެމްޕެއިން ތަކުގެ އިތުރުން ނަން މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާ އެކު ޕާޓްނަރޝިޕްތައް ޤާއިމުކުރުން ހިމެނެއެވެ.
އެމްއެމްޕީއާރުސީން އިތުރަށް ބުނީ، އިންޑިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ މިންވަރު ދެމެހެއްޓުމަށްޓަކައި، ޚާއްޞަ ތަޖުރިބާތަކެއް ފަރުމާ ކުރުމަށާއި އެކިއެކި ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
އެގޮތުން، ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އިންޑިޔާއިން ރާއްޖެއަށް ވަނީ 10,518 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިހާރު އިންޑިޔާއަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ.









