ފޭސްބުކް މާކެޓްޕްލޭސްގައި އިތުރުވަމުންދާ ސްކޭމްތަކާއި ގުޅިގެން ރައްޔިތުން ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސައިބަރ ކްރައިމް ސެންޓަރުން އެދިއްޖެއެވެ.
ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޯޓީޕީ (ވަން-ޓައިމް ޕާސްވަރޑް) އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް ކަމަށްވާ ފްލޭޝް ކޯލްސް ތަޢާރަފްވެފައިވާ ކަމަށެވެ. ނަމަވެސް، މި އައު ސިސްޓަމާއި ގުޅޭގޮތުން ގިނަ ބަޔަކަށް މަޢުލޫމާތު ނެތުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް ބުންޏެވެ.
ސައިބަރ ކްރައިމް ސެންޓަރުން ވަނީ ފޭސްބުކް މާކެޓްޕްލޭސްގައި ޝައްކު އުފެދޭ ލިސްޓިންގ އަދި ޕޯސްޓްތަކަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ލިސްޓްކޮށްފައިވާ އެއްޗެއްގެ އަގު ހެޔޮކަމަށް ފެނުނަސް ނުވަތަ ރަނގަޅު ޑީލެއް ކަމަށް ހީވިޔަސް، އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާކުރުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ.
މީގެ އިތުރުން، ވިއްކާ މީހާގެ ޕްރޮފައިލް ޗެކްކުރުމަށާއި، ސްކޭމް ކުރާ މީހުންގެ ފޭކް މާކެޓްޕްލޭސް ޕްރޮފައިލް ތަކުގައި ހާމަކޮށްފައި ހުންނަ މަޢުލޫމާތު މަދުނަމަ، އައު ޕްރޮފައިލެއްނަމަ ނުވަތަ ރައްޓެހިން މަދުނަމަ އިތުރަށް ޔަގީންކުރުމަށް ވެސް ސައިބަރ ކްރައިމް ސެންޓަރުން ވަނީ އިރުޝާދު ދީފައެވެ.
"ރަނގަޅު، އިތުބާރު ކުރެވޭ ވިއްކާ ފަރާތެއްނަމަ ކޭޝް އޮން ޑެލިވަރީ އިޚްތިޔާރު ކުރުމަށް އަޅުގަނޑުމެން އެދެން. މިގޮތަށް ކަންތައް ކުރުމުން މުދާ އަތަށް ލިބި އިތުރަށް ބަލަން ފުރުސަތު ލިބިގެންދާނެ," ސައިބަރ ކްރައިމް ސެންޓަރުން ބުންޏެވެ.
މީގެއިތުރުން ދެ ފަރާތުގެ ރުހުމާއެކު ވިޔަފާރި ފުރިހަމަ ކުރުމަށް ވެސް އެ ސެންޓަރުން އެދޭ ކަމަށް ސައިބަރ ކްރައިމް ސެންޓަރުން ފާހަގަ ކުރިއެވެ.
ސައިބަރ ކްރައިމް ސެންޓަރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ގިނަ ކުންފުނިތަކުން މިހާރު ދަނީ ކަސްޓަމަރ އޮތަންޓިކޭޝަން ފްލޭޝް ކޯލްސްއަށް ބަދަލުކުރަމުންނެވެ. ނަމަވެސް، މި އައު ޓެކްނޮލޮޖީއާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން، ސްކޭމަރުންނަށް މީގެ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ލިބިގެންދާ ކަމަށް އެ ސެންޓަރުން ވަނީ ފާހަގަ ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް 50 އަށްވުރެ ގިނަ ސްކޭމް މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކުގައި ޝިކާރައަކަށްވެފައިވަނީ ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.
ސައިބަރ ކްރައިމް ސެންޓަރުން ވަަނީ ޝައްކުކުރެވޭ ނުވަތަ ޝިކާރައަކަށް ވެއްޖެ ކަމަށް ޤަބޫލުކުރެވޭނަމަ، ލަސްނުކޮށް 119 އަށް ގުޅައި، ނުވަތަ އެ ސެންޓަރުގެ ހޮޓްލައިން ނަންބަރު 3000600 އަށް ގުޅައި މައްސަލަ ރިޕޯޓުކުރުމަށް އާމުންނަށް އިލްތިމާސްކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ފަރާތުން ދަނީ އިތުރު ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވަމުންނެވެ. އަދި ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގޭ ސްކޭމްތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.









