ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ގިނަ މީހުންނަކީ ބޮޑެތި ކުށްތަކަށް އަރައިގަނެފައިވާ މީހުން ކަމަށާއި، އެފަދަ މީހަކު މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލައިފިނަމަ މުޖުތަމަޢު ނުރައްކަލަށް ހުށަހެޅޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި "ބަންދު ފޯރަމް"ގެ ތެރެއިން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ، ބޮޑެތި ކުށްތަކަށް އަރައިގަނެފައިވާ މީހުން ބަންދުގައި ބައިތިއްބަންޖެހެނީ އެ މީހުން ދޫކޮށްލައިފިނަމަ މުޖުތަމަޢަށާއި ޝަރީޢަތަށް ގެއްލުންތަކެއް ވާނެތީ ކަމަށެވެ. މީގެ ކުރިންވެސް އެފަދަ ބަންދުގައި ތިބި މީހުން ދޫކޮށްލާފައިވާކަން ފާހަގަކުރައްވަމުން، އޭގެ ނޭދެވޭ އަސަރު ޝަރީޢަތަށާއި މުޖުތަމަޢަށް ކޮށްފައި ހުރިކަމަށް ސީޕީ ވިދާޅުވިއެވެ.
"ޤާނޫނުތަކަށް ބަދަލު ގެނެސްގެން ޓެގް އެޅުވިގެން މޮނިޓަރކުރެވިދާނެ. ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މޮނިޓަރކުރެވޭނެ ނިޒާމެއް ނެތި ހައްޔަރުކުރުމުގެ މަޤުޞަދު ހާސިލެއް ނުވާނެ. މިވަގުތު ބަޔަކު ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން." ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، މިވަގުތު ބަންދުގައި ތިބީ މަސްތުވާތަކެތީގެ މައްސަލަތަކުގައާއި ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ މީހުން ކަމަށެވެ. އަދި މިފަދަ މީހުން ދޫކޮށްލުމަކީ ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮތް ކަމެއްގެ އިތުރުން، ވިކްޓިމުންނަށް ނުރައްކަލެއް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ފުލުހުން އަބަދުވެސް މަސައްކަތްކުރަނީ ވީހާވެސް އަވަހަކަށް ތަޙުޤީޤު ނިންމާ، މައްސަލައާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.









