މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދައުލަތުގެ އެންމެ ކާމިޔާބު ކުންފުނިން ބުނި ގޮތުގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ވިޔަފާރިތައް ރަނގަޅުވެ، އާމްދަނީ އިތުރުވެފައިވުމެވެ. މީގެ އިތުރުން، ކުރީ ކުއާޓަރާއި އަޅާބަލާއިރު ޖުމްލަ ފައިދާ 8 އިންސައްތައިން އިތުރުވެ، 637 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެސްޓީއޯއިން ހާމަކޮށްފައި ވެއެވެ.
2024 ވަނަ އަހަރު އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 15 ބިލިއަން ރުފިޔާއެވެ. ނަމަވެސް އޭގެ ކުރީ އަހަރާއި އަޅަބަލާއިރު 6 އިންސައްތަ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން، އެސްޓީއޯއިން ތެލުގެ އަގު ދަށްކުރުމާއި އެކު ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުން ކަމަށް ފާހަގަކޮށްފައި ވެއެވެ.
2024 ވަނަ އަހަރު އެސްޓީއޯއަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 717 މިލިއަން ރުފިޔާއެވެ.









