މިދިޔަ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހު ނުޤަވާޢިދުން ރާއްޖެއިން ބޭރަށް ތަކެތި ބޭރުކުރަން އުޅުނު ކުންފުނީގެ މަޢުލޫމަތު ކަސްޓަމްސް އިން ޢާންމު ކޮށްފިއެވެ.
ކަސްޓަމްސް އިން ބުނީ ޤަވާޢިދާއި ޚިލާފަށް ރާއްޖެއިން ބައި ޓަނުގެ މިޔަރު މަހާއި މަޑި މަސް ބޭރުކުރަން އުޅެފައިވަނީ "ދަ ކްރިސްޓަލް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏެކެވެ.
އެ ކުންފުނިން ވަނީ 582 ކިލޯގެ މިޔަރު މަހާއި މަޑި މަސް ހުރި 45 ފޮށިގަނޑު ބޭރުކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ކަސްޓަމްސްއިން ވަނީ އެ ތަކެތި އަތުލައިގަނެފައެވެ. މި ތަކެތި ނައްތާލާފައިވަނީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ދައްކާ ގޮތުން، ދަ ކްރިސްޓަލް ކޮމްޕެނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާ އާއި އޭނާގެ ފިރިމީހާ ހަސަން ސިނާނެވެ.
ރާއްޖޭގެ ގާނޫނުތަކުގެ ދަށުން މިޔަރާއި މަޑީގެ ބާވަތްތަކަކީ ހިފުމާއި، ބޭނުންކުރުމާއި އަދި ބޭރުކުރުން މަނާ ބާވަތްތަކެކެވެ. ކަސްޓަމްސްއިން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.









