ބަނގުރާ ގެންގުޅެ, ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އިންޑިއާގެ ދެ މީހަކު ޑީޕޯޓްކުރަން އިމިގްރޭޝަނާއި ހަވާލުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާއި ގުޅިގެން ހިފަހައްޓާފައި ވަނީ އިންޑިއާގެ ދެ މީހުން ކަމަށްވާ އަކާހިލް ތަޕްރަވަން، 29 އާއި އަމްދާ ޕަންޑިއަން، 44 އެވެ.
ފުލުހުން ބުނީ މި މަހުގެ 28 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، މި ދެމީހުންނާއި ގުޅުންހުރި ކަމަށް ބެލެވޭ ތަނެއް ބަލައި ފާސްކުރި އިރު، ބަަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ބާލިދީއެއް ފެނިފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.









