ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމުން ނާހިލް އަހްމަދު ސިއްދީގް އިސްތިއުފާ ދެއްވައިފިއެވެ. މިދިޔަ ނޮވެމްބަރު މަހު އެ މަޤާމަށް އައްޔަނުކުރެވުނު ނާހިލް، މަޤާމާއި ހަވާލުވިތާ ތިން މަސްދުވަސް ނުވަނީސް އިސްތިއުފާ ދެއްވުމާއެކު، އެފްއޭއެމްގެ އޮފިޝަލަކު ވަނީ އޭނާގެ އިސްތިއުފާ ސިޓީ ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ.
އުމުރުން 25 އަހަރުގެ ނާހިލްއަކީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމު މިހާތަނަށް އަދާކުރި އެންމެ ޒުވާން ފަރާތެވެ. އޭނާގެ އިސްތިއުފާ ފީފާއަށް ވެސް މިހާރު އަންގާފައިވާ ކަމަށް އެފްއޭއެމްގެ އޮފިޝަލް ވިދާޅުވިއެވެ.
ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް ދިއުމުގެ ކުރިން ނާހިލް ހުންނެވީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަޤާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ އެފްއޭއެމްގެ އެކި މަޤާމުތައް އަދާކުރައްވާފައެވެ.
ނާހިލްއަކީ ވެސްޓް އޮފް އިންގްލެންޑް ޔުނިވަސިޓީން ބިޒްނަސް މެނޭޖްމަންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ފުރަތަމަ ޑިގްރީއާއި މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޒުވާން ގައުމީ ފުޓުބޯޅަ ޓީމުގައި ވެސް އޭނާ ވަނީ ކުޅުއްވާފައެވެ.
އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުގައި ވެސް ނާހިލް ވަނީ މީގެކުރިން މަސައްކަތް ކުރައްވާފައެވެ. އޭނާ އެ މަޤާމުން ވަކިވީ މިއަހަރުގެ ކުރީކޮޅުގައެވެ.
ގައުމީ 16 އަހަރުން ދަށުގެ ޓީމާއި އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ޗައިނާގައި މެޗުތައް ކުޅުނުއިރު، ރާއްޖޭގެ ޓީމުގެ ހެޑް އޮފް ޑެލިގޭޝަނުގެ ގޮތުގައި ނާހިލް ވަނީ މަސައްކަތްކުރައްވާފައެވެ.









