މިސްކިތްތަކުގައި ބަހައްޓާ ފަންޑު ފޮށިތައް ރެގިއުލޭޓް ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އެކި އެކި ޖަމިއްޔާތަކުން މިސްކިތްތަކުގައި ފަންޑުފޮށިތައް ބަހައްޓައިގެން އެކި ކަންކަމަށް ފަންޑު ހޯދަން ޙުއްދައަށް އެދުން ގިނަވަމުން އަންނަ ކަމަށާއި، މިސްކިތްތަށް ބޭނުންކޮށްގެންކުރާ މިފަދަ ކަންކަން ރެގިއުލޭޓްކުރާނެ ޤަވާޢިދެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިގޮތަށް ޙުއްދަ ދެވޭނީ ހޯދާ ފައިސާ ޚަރަދުކުރާނެ ގޮތުގެ ތަފްސީލު ހުށަހެޅުމުން ކަމަށެވެ. އަދި ޙުއްދަ ތަކުރާރު ކުރެވޭނީ ޚަރަދުކުރިގޮތުގެ ތަފްޞީލާއި އޮޑިޓް ރިޕޯޓް ހުށަހެޅުމުން ކަމުގައި ވެސް އުޞޫލުގައި ބަޔާންވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި އުޞޫލު ހެދިގެންދާނީ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކަމަށެވެ. އަދި މިއީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.









