ސޫރިޔާގެ ވަގުތީ ރައީސްގެ މަޤާމަށް އެ ޤައުމުގެ ހަނގުރާމަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢު ޢައްޔަނު ކޮށްފިއެވެ.
ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމުގައި ބައިވެރިވި އަސްކަރީ ކޮމާންޑަރުންގެ މެދުގައި ބޭއްވުނު ބައްދަލުވުމަކަށްފަހު އަލް-ޝަރާޢު އަށް ވެރިކަން ޙަވާލުކުރެއްވިއިރު، އޭނާ ވަނީ ފާއިތުވި ދުވަސްތަކުގައި ހުޅަނގުގެ ޤައުމުތަކާއެކު ބައްދަލުވުންތައް ވެސް ބާއްވާފައެވެ.
އެޗްޓީއެސްއަކީ މިދިޔަ ޑިސެމްބަރު މަހު ބައްޝާރު އަލް-އަސަދުގެ ވެރިކަން ވައްޓާލުމުގައި އެންމެ އިސް ދައުރެއް އަދާކުރި ޖަމާޢަތެވެ. މި ޖަމާޢަތުގެ މަސައްކަތުން 13 އަހަރަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ސޫރިޔާގެ އަހުލީ ހަނގުރާމަ ވަނީ ނިމުމަކަށް އައިސްފައެވެ.
ވަގުތީ ރައީސްގެ މަޤާމަށް ޢައްޔަނުކުރެވުނު އަޙްމަދު އަލްޝަރާޢުއަކީ އިންތިޤާލީ މަރުޙަލާގައި ރައީސްގެ ޒިންމާ އަދާކުރާނެ ފަރާތް ކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ސޫރިޔާގެ އެންމެ އިސް މަންދޫބު ކަމުގައިވެސް ވަނީ ކަނޑައަޅާފައެވެ.
އެޗްޓީއެސްއިން ބުނެފައިވާ ގޮތުގައި، ޤާނޫނީ ކައުންސިލެއް އުފެއްދުމުގެ މަސައްކަތް ޝަރާޢުއާއި ޙަވާލުކޮށްފައިވެއެވެ. އަދި ޤައުމުގެ ޤާނޫނުއަސާސީއަށް ޢަމަލުކުރުން ހުއްޓާލާފައިވާ ކަމަށާއި، މިހާރު އޮތް ޤާނޫނުހަދާ މަޖިލިސް އުވާލާފައިވާ ކަމަށް ވެސް އެ ޖަމާޢަތުން ބުނެފައިވެއެވެ.
ޝަރާޢު ވަނީ އޭނާގެ އެންމެ އިސް އަމާޒަކީ ސަރުކާރަށް އައިސްފައިވާ ޤާނޫނީ ހުސްކަން ޝަރުޢީ އަދި ޤާނޫނީ ގޮތުގައި ފުރުން ކަމަށް ބުނެފައެވެ. އަދި އިންތިޤާލީ އިންސާފުގެ ތެރެއިން ޤައުމުގައި މަދަނީ ހަމަޖެހުމާއި ޞުލްޙަ ޤާއިމުކުރަން ޖެހޭކަމަށާއި، ބަދަލުހިފުމުގެ ރޫޙުގައި އެއްވެސް ކަމެއް ހިނގައިދިއުން ހުއްޓުވަން ޖެހޭކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
އިންތިޤާލީ މުއްދަތުގައި ޤައުމީ ބައްދަލުވުމެއް ބާއްވައި، އެންމެންގެ ބައިވެންގެ ބައިވެރިވުން އޮންނަ ސަރުކާރެއް ޤާއިމުކުރާނެ ކަމަށް ޝަރާޢު ބުނެފައިވެއެވެ. ނަމަވެސް، ސޫރިޔާގައި އިންތިޚާބެއް ބޭއްވުމަށް އަދި ހަތަރު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ.









