ގައުމީ ގުރުއާން މުބާރާތް މިހާރު ހިންގަމުން އަންނަ ގޮތަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ކަމުގެ ތަޖުރިބާކާރުންނާއި ރައްޔިތުންގެ ހިޔާލު ހޯދަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު އެ މުބާރާތުގެ އުސޫލު އޮންނަ ގޮތުން މުބާރާތުގައި ބައިވެރިވެވެނީ ގާތްގަނޑަކަށް 1،000 މީހުނަށް ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ގައުމީ މުބާރާތް ބޭއްވެން ވާނީ އޮޑިޝަންތަކަކަށް ފަހު އެންމެ މޮޅު ފަރާތްތަކުގެ މެދުގައި. ސީދާ އެ ފަރާތްތަކުގެ މެދުގައި އިންސާފުކުރެވޭ ގޮތަށް،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ސްކޫލްތައް ނުވަތަ މުއައްސަސާތަކުގެ މެދުގައި އިންސާފުކުރެވޭ ގޮތަކަށް މުބާރާތް ބާއްވަން ނުފެންނަ ކަމަށާއި މުބާރާތުގައި ބައިވެރިން ޔުނީފޯމް އެޅުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ.
"މިއީ ހިޔާލެއް. ތިޔަ ބޭފުޅުންގެ ރައުޔު މިކަމުގައި ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ގައުމީ ގުރުއާން މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގުރުއާން މުބާރާތެވެ. މި މުބާރާތަކީ 1981 އިން ފެށިގެން ބާއްވަމުން އަންނަ މުބާރެތެކެވެ.









