އިހަވަންދޫގެ ހޮސްޕިޓަލާއި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކޮށްފި

އާނާ ފަހީމް | 263 ދުވަސް ކުރިން - 29 ޖެނުއަރީ 2025 19:21
ހއ. އިހަވަންދޫގައި ހޮސްޕިޓަލް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: ރައީސް އޮފީސް
ހއ. އިހަވަންދޫގައި ހޮސްޕިޓަލް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ ހޮސްޕިޓަލް މަޝްރޫޢަކީ އިހަވަންދޫގެ ސިއްޙީ ދާއިރާއަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެ ގޮތަށް އެމަނިކުފާނު ކުރިއަށް ގެންދަން ވަޢުދުވެވަޑައިގެންފައިވާ މަޝްރޫޢެއް ކަމަށް.

ހއ. އިހަވަންދޫގައި ހޮސްޕިޓަލް އިމާރާތްކުރުމާއި ހުރަވީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫއަށް ވަޑައިގެން މިއަދު ހަވީރު ބޭއްވި ޖަލްސާގައެވެ.

ހޮސްޕިޓަލް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ނާޒިމް އިބްރާހީމެވެ. އަދި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

އާރުޑީސީގެ ފަރާތުން ދެ އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރެވެ.

އިހަވަންދޫގައި ހުރަވީ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ހޮސްޕިޓަލް މަޝްރޫޢަކީ އިހަވަންދޫގެ ސިއްޙީ ދާއިރާއަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެ ގޮތަށް އެމަނިކުފާނު ކުރިއަށް ގެންދަން ވަޢުދުވެވަޑައިގެންފައިވާ މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމައިދޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މީގެ ދެ އަހަރު ކުރިން ކުރީ ސަރުކާރުން އިހަވަންދޫގައި ހޮސްޕިޓަލެއް އެޅުމަށް ޑުޕްލެކްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެ މަޝްރޫޢުގެ އަގަކީ 123،303،792 ރުފިޔާއެވެ.

ރައީސް ވިދާޅުވީ، ހޮސްޕިޓަލް އިމާރާތް އެޅެންދެން، ޚިދުމަތްތައް ރަނގަޅު ފެންވަރަކަށް ގެނައުމަށް މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން ޑަޔަލިސިސް ޚިދުމަތް ޤާއިމްކުރުމަށްޓަކައި ތައްޔާރީތައް ވަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%